''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައިގެން ރަށްރަށުގެ ލޯކަލް ކައުންސިލްތަކުން ހިންގާ ވިޔަފާރިތަކުގެ ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްގެ އަދަދު މިލިޔަނަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައަޅަން ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންއެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލްގައި ބުނެފައި ވަނީ ކައުންސިލްތަކުން އުފައްދާ ''ލޯކަލް އޮތޯރިޓީ ކުންފުނި'' ތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގުތިސޯދީ ހަރަކާތްތައް ހިންގުމުގެ އިހުތިޔާރު ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ. އަދި (ށ)ގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކައުންސިލްތަކުން ވިޔަފާރިކުރުމަށްޓަކައި މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައި ހިންގިދާނެ ކަމަށެވެ.

ނަމަވެސް ގާނޫނުގަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލުގައި 70 ވަނަ މާއްދާއަށް ދެ އަކުރު އިތުރު ކުރަން ހުށަހަޅާފައިވާ އިރު، "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކީ އަންނަނި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެ ކަމަށް ވަނީ ހިމަނައިފައެވެ.

އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތުގައި ހިމެނެންޖެހޭ ޝަރުތުތައް:

  1. އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގުތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ނުވުން
  2. އެ މަސައްކަތަކީ، ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
  3. އެ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން

މީގައި ހިމެނޭ ޝަރުތުތައް ހަމަނުވާ ވިޔަފާރި ހަރަކާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނަސް، ރައީސް ބިލް ތަސްދީގު ކޮށް އަމަލު ކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަން ޖެހޭނެ ކަމަށްވެސް ބިލްގައިވެއެވެ.