ކުޅަދާނަ ފިލްމު ޕްރޮޑިއުސަރު / ޑައިރެކްޓަރު އިލްޔާސް ވަހީދުގެ "ލޯބިން" ފިލްމުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.

އައި ފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ "ލޯބިން" އަކީ ހަށިވިއްކާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ މައިޝާ އާދަމް (ތާތި) އާއި އަހްމަދު ޝާރިފް އަދި އަހްމަދު އިފްނާޒްއެވެ. އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ) ވެސް މުހިންމު ރޯލަކުން ފެނިގެންދެއެވެ.

https://www.instagram.com/p/DLwqJinResL/

މި ފިލްމުގެ ޓީޒާއިން ފެންނަ ގޮތުގައި ތާތިއަކީ ހަށިވިއްކުމުގައި އުޅޭ އަންހެނެކެވެ. އަދި އޭނާ ދެކެ ލޯބި ވެވިގެން ޝާރިފް އަދި އިފްނާޒް ތާތިއާ ގާތްގުޅުމެއް އުފައްދަން މަސައްކަތް ކުރެއެވެ. ޝާއްކޮ އައްމަޑޭއަކީ ހީވާގޮތުން އެ ވިޔަފާރީގައި ތާތިއާއެކުގައި މަސައްކަތްކުރާ ނުފޫޒުގަދަ މީހެކެވެ.

ލޯބިން ގޮސް ހިތްފުރޭހާ ލޯބި މަންޒަރުތަކާއި އަނިޔާވެރިކަމުން ހައްދުފަހަނަ އަޅާފައިވާ މަންޒަރުތަކެއް ވެސް "ލޯބިން"ގެ ޓްރެއިލާއިން ފެނިގެންދެއެވެ.

މި ފިލްމު އަންނަ ބުދަ ދުވަހުގެ ރޭ ރިލީޒްކުރާއިރު ފުރަތަމަ ޝޯގެ ޓިކެޓު މިހާރުވަނީ ވިކި ހުސްވެފައެވެ. އެ ޝޯގައި ގިވްއަވޭއެއް ވެސް ކުރިއަށް ގެންދާއިރު ފިލްމުގެ އޯޑިއޯ އަލްބަމް މިހާރު ސްޕޮޓިފައި އިން އަޑުއަހާލެވޭނެއެވެ.