އިޒްރޭލުން މަރާލި ފަލަސްތީނު މީހުންގެ އަދަދު 60،000 އަށް އަރައިފިއެވެ.

އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިން ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ ނަސްލެއް ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް މަރާލާފައިވާ މީހުންގެ އަދަދު ވަނީ ޖުމްލަ 60،034 އަށް އަރައިފައެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރުގެ ފަހުން އިޒްރޭލުން ގާޒާގައި ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ދަނީ ހަމަލާދެމުންނެވެ.

އިޒްރޭލުން މިހާރު ގާޒާގައި ހިންގަމުންގެންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް ފަލަސްތީނުގެ 81 މީހުން މަރާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މަރާލާފައިވާ 81 މީހުންގެ ތެރެއިން 19 މީހުންނަކީ އެހީ ހޯދުމަށް މަސައްކަތް ކުރި މީހުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ވަނީ ގާޒާގެ އެތައް މިލިއަން މީހުން ގާޒާގެ ތެރޭގައި ބަންދުކޮށް އެމީހުންނަށް އެހީ ލިބޭ ހުރިހާ ކޮޅުތަކެއް ބަންދުކޮށް ބަނޑުހައިހޫނުކަމުގެ ކާރިސާއަކަށް ގާޒާ ވައްޓާލައިފައެވެ.

ގާޒާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ދުވަހެއް ވަންދެން ކިއުގައި ތިބި އެހީގެ ސާމާނު ގާޒާއަށް އެތެރެވުން މަނާކޮށް އިޒްރޭލުން ވަނީ އަމިއްލައަށް ގާޒާއަށް އެހީގެ ތަކެތި ފޯރުކޮށްދޭން ނިންމައި އެމަސައްކަތް ވެސް ފަށައިފައެވެ. ނަމަވެސް އެހީގެ ސާމާނު ހޯދުމަށް އެއްވާ އާންމުންނަށް ހަމަލާދީ ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަސްތެރޭ އެތައް 100 މީހުން މަރާލާފައިވެއެވެ.