ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "އޮޅުހިޔާ" އަށް އިތުރު ބުޅާ ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މާލެސިޓީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް މީހުން އެކިކަހަލަ އަނިޔާކޮށް މަރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެކަމަކީ ޖަނަވާރުންގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ހިލާފު އަމަލަކަށްވާތީ، އެކަން ނުކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޖަނަވާރުންގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަން ކަމަށެވެ.

އޮޅުހިޔާ" އަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ކުރިން ވަނީ ވިދާޅުވެފަ އެވެ.

"އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތް ލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވިއެވެ.

"އޮޅުހިޔާ" އަކީ މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ހަދައި، އެ ކައުންސިލުން ބަލަހައްޓާ ގޮތަށް ހެދި ތަނެކެވެ. ނަމަވެސް އެތަން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް މިދިޔަ ޑިސެމްބަރު މަހު އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.