ސްކޭމް ކޭސްތައް ގިނަވެ ނޭޕާލުގައި ޓެލެގްރާމް މަނާކޮށްފިއެވެ.

ނޭޕާލްގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ބުނެފައިވާ ގޮތުގައި، އެ ގައުމުގައި ޓެލެގްރާމް މަނާކޮށްފައި ވަނީ، ސްކޭމްތައް އިތުރުވެ އޮންލައިން ފުރޯޑުތަކާއި މަނީ ލޯންޑްރިންގެ މައްސަލަތައް ގިނަވެ ނުރައްކާތެރި ހާލަތަކަށް ކަންކަން ދިއުމުގެ ސަބަބުންނެވެ.

އެ އޮތޯރިޓީން އިއްޔެ ނެރުނު ނޯޓިސްއެއްގައި ވަނީ ނޭޕާލުގައި އިންޓަނެޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ޓެލެގްރާމްގެ ހިދުމަތް ވަގުތުން ހުއްޓުވުމަށް އަންގައިފައެވެ.

އެ ބަޔާނުގައި ވަނީ ޓެލެގްރާމް ނަހަމަގޮތުގައި ބޭނުންކޮށް އޮންލައިން ފުރޯޑު ހިންގުމާއި މަނީ ލޯންޑްރިންގެ ގިނަ މައްސަލަތަޖެއް ފެންމަތިވެފައިވާތީ އިންޓަނެޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ވަގުތުން މި އެންގުމަށް އަމަލުކޮށް ޓެލެގްރާމް އެ ގައުމުގައި ބޭނުންކުރުން ވަގުތުން ހުއްޓުވުމަށް ވެސް އަންގައިފައެވެ.

ޓެކްނޮލޮޖީގެ ކުރިއަރާފައިވާ މިޒަމާނުގައި އެއްވެސް ގައުމަކުން ޓެލެގްރާމް ފަދަ އެޕެން ހުއްޓުވުމަކީ ވާނޭ ކަމެއް ނޫންކަމަށް އެކްސްޕާޓުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ރިޕޯޓުތަކުގައި ވާގޮތުން ޓެލެގްރާމް މަނާ ކުރިނަމަވެސް ވީޕީއެން ބޭނުންކޮށްގެން ކޮންމެ ގައުމެއްގައިވެސް އެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް ފާހަގަކޮށްފައެވެ.