ދެކުނު އެފްރިކާގެ އިމާރާތެއް ވެއްޓި 34 މީހަކު މަރުވެއްޖެއެވެ.

މި އިމާރާތް ވެއްޓިފައިވަނީ އެތަނުގެ މަސައްކަތްކުރަމުން ދިޔަ ވަގުތު ކަމަށާއި މަރުވެފައި ވަނީ މަސައްކްތެރީން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެކުނު އެފްރިކާގެ ހުޅަނގުން އޮންނަ ކޭޕް ޕްރޮވިންސުގައި ހިނގި މި ހާދިސާގައި ވެއްޓުނު އިމާރާތުގެ މަސައްކަތް ފެށުނީއްސުރެ ވެސް އެކި ކަހަލަ މައްސަލަތައް ފާހަގަވަމުން ގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ދެކުނު އެފްރިކާގެ ޕަބްލިކް ވޯކްސް މިނިސްޓަރު، ޑީން މެކްޕާސަން ވިދާޅުވެފައިވާ ގޮތުގައި، އިމާރާތް ވެއްޓެން މެދުވެރިވެފައިވަނީ ސަލާމަތީ ކަންކަމުގެ ފެންވަރު ދަށްވުމުގެ ސަބަބުންނެވެ. އިމާރާތް ކުރުމުގައި ބޭނުންކޮށްފައި ހުރި ސާމާނުގެ ފެންވަރުގެ ދަށްކަން ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ކަމާ ގުޅޭ ދާއިރާތަކުގެ އޮފިޝަލުން ވަނީ މި އިމާރާތުގައި ހުރި މައްސަލަތައް އެކި ފަހަރު މަތީން އެ ތަނުގެ ވެރިފަރާތާ ހިއްސާކޮށްފައެވެ.

އިމާރާތް ވެއްޓުމުގެ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.