މި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު ކްރިއޭޓިވް އިންޑަސްޓްރީތަކުން މަދުވެގެން ޖީޑީޕީގެ 15 ޕަސަންޓު ހިއްސާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ވަނީ މިރޭ ތަގުރީރުކުރައްވައިފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ޑިޖިޓަލް ކޮންޓެންޓް، ޑިޒައިން، މީޑިއާ، ގޭމިން، ސަގާފީ ވިޔަފާރިތަކާއި އާޓްސް ހިމެނޭ ކްރިއޭޓިވް ދާއިރާއަކީ ރާއްޖޭގެ ކުރިއެރުމަށް މުހިންމު "އިންޖީނެއްގެ" ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2030 އަށް ކްރިއޭޓިވް އިންޑަސްޓްރީތަކުން ޖީޑީޕީގެ މަދުވެގެން 15 ޕަސަންޓު ހިއްސާކުރުން. އަޅުގަނޑުމެން މިދަނީ ޒުވާން، ޓެކްނޮލޮޖީއަށް އަހުލުވެރި އާބާދީއަކާއި އަވަސް ދުވެލީގައި ކުރިއަރަމުންދާ ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއެކު، އަޅުގަނޑުމެން ދިވެހިންގެ ހުނަރުވެރިކަމާއި ދުނިޔޭގެ ކްރިއޭޓިވް ބައިވެރިވުންތައް ކުރިއެރުވުމަށް ބިންގާ އަޅަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ- ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް މުހައްމަދު މިރޭ ބައިވެރިވެވަޑައިގަންނަވަނީ -- (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ވަނީ އިނގިރޭސިވިލާތުގެ ކްރިއޭޓިވް މުއައްސަސާތަކާއި، ޑިޖިޓަލް ސްޓާޓްއަޕްތަކާއި، ޑިޒައިން ކުންފުނިތަކާއި، މީޑިއާ ވިޔަފާރިތަކަށް، ދިވެހިންނާއެކުގައި ގުޅިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި، ޕްލެޓްފޯމްތަކުގައި އިންވެސްޓްކުރުމަށް ނުވަތަ ޒުވާނުންގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދައުވަތު އަރުވައިފައެވެ.

އޭގެ އިތުރުން ދިވެހި ސަރުކާރުންދޭ ހިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"މީގެ މަގުސަދަކީ ވިޔަފާރިތަކަށް އެހީތެރިވެދީ އާ ގޮތްތައް ހޯދުމަށް މަގުފަހިކޮށްދޭ ސްމާޓް ދައުލަތެއް ގާއިމުކޮށް، ވެރިކަން ހިންގުން ހަރުދަނާކުރުން. މިކަމުގެ ސަބަބުން ޔޫކޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، ސޮފްޓްވެއާ ފޯރުކޮށްދޭ ފަރާތްތަކާއި، އީ-ގަވާނަންސް އެކްސްޕާޓުންނާއި، ސައިބާ ސެކިއުރިޓީ ކުންފުނިތަކަށް އަޅުގަނޑުމެންނާއެކު ޑިޖިޓަލް، ޒަމާނާ އެއްގޮތަށް ބަދަލުވަމުންދާ މުސްތަގުބަލެއް ބިނާކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.