ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމްކުރާ ގައުމީ ލެބޯޓަރީގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް މުހައްމަދު ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ހަދާ އެ ލެބޯޓަރީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ލެބޯޓަރީ އިމާރާތުގެ މަސައްކަތް ވަނީ ހަވާލުކުރެވި މަސައްކަތް ފެށިފައި. ދެން އަޅުގަނޑުމެން ބޭނުންވާ ބައެއް އިކުއިޕްމަންޓްސްވެސް ހޯދާފަ މިހާރު ފުވައްމުލަކަށް ވާނީ ފޮނުވާފަ. މިހާރު މިއޮތީ މަސައްކަތް ފެށިފައި. އަޅުގަނޑުމެން މަސައްކަތް ކުރަނީ މި އަންނަ އަހަރުގެ ކޮންމެވެސް ދުވަހެއްގަ ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމައި، ޚިދުމަތް ފެށުމަށް." އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ، ލެބޯޓަރީއާއެކު ހިއުމަން ޑިވެލޮޕްމަންޓް މަސައްކަތްތަކެއްވެސް ކުރަން ޖެހޭކަމަަށެވެ. އެގޮތުން ގުޅުން ހުރި ދާއިރާތަކުން ކޯސްތައް ހުޅުވާލުމާއި ސްކޯލާޝިޕްސްތައް ދިނުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ގައުމީ ލެބޯޓަރީގެ މަޝްރޫއުގެ ދަށުން، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ވަޒަންކުރުމާއ ބޭނުންކުރެވޭ ކެމިކަލްތަކުގެ މިންގަނޑުތައް ދެނެގަތުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ ބާވަތްތަކުގެ ކޮލެޓީ ހިފަހައްޓުމަށް ފަސޭހަވާނެއެވެ.