ލޯރެން ސަންޗެޒް ޖެފް ބެޒޯސްއާ ކައިވެންޏަށް ލާފައިވަނީ ޑޮލްޗެ އެންޑް ގަބާނާގެ ހާއްސަ ހެދުމެކެވެ. މި ހެދުން ފަރުމާކުރަން 900 ގަޑިއިރު ހޭދަވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ހެދުން ފަރުމާކޮށްފައިވަނީ ސޯފިއާ ލޯރެންގެ 1958 ގެ ފިލްމު "ހައުސްބޯޓް" އިން އިންސްޕަޔާވެގެން ކަމަށްވެސް ހަބަރުތައް ބުނެއެވެ. 1950 ގެ އަހަރުތަކުގެ ކައިވެނީގެ ހެދުމެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި ހެދުމުގައި އަތުން ހަދާފައިވާ 180 ސިލްކް ޝިފޯން ގޮށް ހިމެނެ އެވެ. ކަރުން ފެށިގެން މޭމަތީގައި ލޭސް ހުރި އިރު ހެދުމުގެ ތިރި ހުރީ މާމެއިޑް ސްޓައިލަށެވެ.

ލޯރެން ބުނެފައިވާ ގޮތުގަައި އެ ހެދުމަކީ މީހުން އުންމީދުކުރާ ގޮތާ މުޅިން ތަފާތުކޮށް ފަރުމާކުރި ހެދުމެކެވެ. ނަމަވެސް އޭނާގެ ސިފަތައް ހެދުމުގައި ހިމެނިފައިވާ ކަމަށް ބުނެފައިވެއެވެ. ކަންފަތުގައި ހުރީ ޑޮލްޗެ އެންޑް ގަބާނާގެ އަގުބޮޑު ކަންފަތުލާ އެއްޗެކެވެ. އިސްތަށިގަނޑު ރޮމޭންޓިކޮށް ހަދާފައިވާއިރު ކޮށްފައި ހުރީ ލައިޓް މޭކަޕެކެވެ.

https://www.instagram.com/p/DLa1ycPSPWm/?igsh=MWFuYW5hc241OHpjZQ==

ލޯރެން ޖެފްއާ ކައިވެނިކުރުމަށްފަހު އޭނާގެ ނަމުގެ ފަހަތަށް ޖެފްގެ ފަހުނަން ހިމަނައި، ލޯރެން ސަންޗެޒް ބެޒޯސްއަށް ވަނީ ނަން ބަދަލުކޮށްފައެވެ. ޖޫން 27 ގައި ވެނިސްގައި ކުރި މި ކައިވެނީގެ ހަފުލާގައި މަޝްހޫރު ގިނަ ތަރީން ބައިވެރިވިއެވެ.

ބްލޫމްބާގް ބިލިއަނެއާ އިންޑެކްސްގެ މައުލޫމާތުން ދައްކާ ގޮތުގައި ޖެފް އަކީ ދުނިޔޭގެ 3 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މުދަލުގެ އަގަކީ 238 ބިލިއަން ޑޮލަރެވެ. އޭނާ އަކީ އެމެޒޯންގެ ބާނީއެވެ.