މެދުއިރުމަތީގެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރަން ފަށައިފިއެވެ.

އިރާނާއި އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތި ހޫނުވެފައިވާ އިރު، އިރާނުން މިރޭ ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާދޭން ފަށައިފައެވެ.

އިރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދަދިދް އެއާ ބޭސް އަށް މިސައިލު ހަމަލާއެއް ފޮނުވާލާފައިވާ އިރު، އެއް މިސައިލު ފިޔަވައި އެހެން ހުރިހާ މިސައިލެއް ގަތަރުގެ ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވައި ވައިގެ ތެރޭގައި ގޮއްވާލައިފައެވެ. ނަމަވެސް އަމާޒުވި މިސައިލާ ގުޅިގެން މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ގަތަރު އޮފިޝަލުން ބުނެއެވެ.

އިރާނުން ގަތަރަށް ހަމަލާދޭން ތައްޔާރުވުމުގެ ގަޑިއެއްހާއިރު ކުރިން ގަތަރުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އެއާއެކު ވައިގެ ދަތުރުފަތުރުގައި ބާރުބޮޑު ގަތަރަށާއި ގަތަރު ހުރަސްކޮށް ދަތުރުކުރާ ފްލައިޓުތައް ވަނީ އެހެން އެއާޕޯޓުތަކަށް ޑައިވާޓް ކޮށްފައެވެ.

ގަތަރުގެ އިތުރުން މެދުއިރުމަތީގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓު އޮންނަ ޔޫއޭއީން ވެސް ވަނީ އެގައުމު ހިމެނޭ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. ނަމަވެސް ބައެއް ފްލައިޓުތައް ޖެއްސުމުގެ ހުއްދަ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްލައިޓުތަކުގެ ޓްރެކިން މައުލޫމާތު އާންމު ކުރާ ފްލައިޓް ރާޑާ 24 އިން އާންމު ކޮށްފައިވާ މައުލޫމާތުތަކުން ވަނީ ގަތަރާއި އިރާގުގެ އިތުރުން ބަހްރެއިނުން ވެސް ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ.

ކުވައިތުން ވެސް ވަނީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ދިން ހަމަލާއާ ގުޅިގެން އިރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާދޭނެ ކަމަށްބުނެ އިންޒާރު ދީފައެވެ.