ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރި ދެ ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހުއްޓުވައިފި އެވެ.

އިންޑިއާގެ ކަސްޓަމްސް އާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނިގޮތުގައި، އެ ބޭސްތައް ފެނުނީ ރާއްޖެއަށް ދާން ފުރަން ގޮސް ތިބި ދެ ދިވެެއްސެއްގެ ލަގެޖުން އިއްޔެގެ ވަގުތެއްގައެވެ.

ނޫސްތަކުގައިވާ ގޮތުން، ކޮޗިން އެއާޕޯޓުގައި ހުންނަ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން އެ ޝިޕްމަންޓް ހިފަހައްޓާފައި ވަނީ ޓެކްނިކަލް އޮފިސަރު އޮފް ޑްރަގްސް (ޓީއޯޑީ) ސެޓްފިކެޓާއި ސައްހަ އިމްޕޯޓް/އެކްސްޕޯޓް ލައިސަންސް ފަދަ ލިޔެކިޔުންތައް އެ މީހުންގެ އަތުގައި ނެތުމުންނެވެ.

ބޭހުގެ ޝިޕްމަންޓް ހިފެހެއްޓުމަށް ފަހު، އެ ދެ ދިވެހީންނަށް ރާއްޖެ އައުމަށް ފްލައިޓަށް އެރުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި އެ ދެ މީހުންގެ ލަގެޖުން ފެނުނު ބޭހުގެ އަގު ތިން ލައްކަ އާއި ފަސް ލައްކަ ރުޕީސްއަށް އަރާނެ ކަމަށް ބެލެވެއެވެ.

ކަސްޓަމްސްއާ ހަވާލާދީ، ނޫސްތަކުން ބުނީ ވަގަށް ރާއްޖެއަށް އެެތެރެކުރަން އުޅުނު ބޭސްތައް ތަހުލީލުކޮށް އޭގައި މަސްތުވާ ޒާތުގެ ބޭހެއް ހުރިތޯ ބަލަމުން އަންނަ ކަމަށާއި އެއީ ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.

ނޫސްތަކުގައި އިތުރަށް ބުނީ، އެ ބޭސްތައް ރާއްޖެ އެތެރެކުރަން އުޅުނު ސަބަބު ސާފު ނުވާ ކަމަށެވެ.