އެއާލައިތަކުން މެދުއިރުމަތިން ދަތުރުކުރުން މަދުކުރަން ފަށައިފިއެވެ.
އިސްރާއީލާއި އިރާން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއަށް އެެމެރިކާ ވަދެ އިރާނަށް އިއްޔެ ހަމަލާ ދީފައިވާއިރު އެކަމުގެ ސަބަބުން ހަލަބޮލިވެފައިވާ މެދުއިރުމަތި ވަނީ އިތުރު ނުތަނަވަސްކަމަކަށް ގޮސްފައެވެ.
މެދުއިރުމަތި ހުރަސްކޮށް އުދުހޭ ފްލައިޓުތައް ދަތުރުކުރާ މުހިންމު ރޫޓުތައް އެއާލައިންތަކުން ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވާއިރު ބައެއް އެއާލައިންތަކުން ވަނީ މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރުން ވަގުތީގޮތުން މެދުކަނޑައިލައިފައެވެ.
ފްލައިޓުތަކުގެ ޓްރެކިން ފެންނަ ފްލައިޓްރާޑާ 24 އިން ފެންނަ ގޮތުން އެއާލައިންތަކުން މެދުއިރުމަތިން ދަތުރުކުރުމުގެ ބަދަލުގައި ރޫޓުތައް ބަދަލުކޮށް ދަތުރުކުރަމުން އަންނަކަން ފާހަގަވެއެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ހަނގުރާމަ އެންމެ ހޫނު ސަރަހައްދުގައި ހިމެނޭ އިރާނާއި އިރާގުގެ އިތުރުން ސީރިއާ އާއި އިސްރާއީލު މަތީން ފްލައިޓުތައް ދަތުރުކުރުން ވަނީ ހުއްޓާލާފައެވެ.
މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެއާލައިންތަކުން މި ފިޔަވަޅު އަޅާފައި މިވަނީ ހަނގުރާމައިގައި މިސައިލުތައް ވައިގެ ސަރަހައްދުތަކުގައި ދަތުރުކުރާކަން ކުރީން އަންގާފައި ނުވުމުގެ ސަބަބުން ދަތުރުވެރީންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.
ރިޕޯޓުތައް ބުނާގޮތުން ފްލައިޓުތަކުގެ ރޫޓުތައް ބަދަލު ވެ ދިގުވުމުގެ ސަބަބުން އެއާލައިންތަކުން ކުރާން ޖެހޭ ހަރަދުތައްވެސް ބޮޑުވެގެން ދާނެ އެވެ. ތެލަށް ކުރާ ހަރަދުގެ އިތުރުން ފަޅުވެރީންގެ ވަގުތު އިތުރު ވުމާއި ފުލައިޓު ތެރޭ ދޭން ޖެހޭ އެހެން ހިދުމަތްތަކަށް ކުރާން ޖެހޭ ހޭދަވެސް އިތުރުވާނެއެވެ.
އިސްރާއީލުން އިރާނަށް ބޮން އެޅީ ޖޫން 13 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މެދުއިރުމަތީން ދަތުރުކުރާ ގިނަ ފްލައިޓުތައް ހުއްޓާލާފައިވާއިރު ބައެއް ފްލައިޓުތަކުން ވަނީ އެހެން މަންޒިލްތަކަށް ދަތުރު ބަދަލުކޮށްފައެވެ.
އިރާނާއި އިސްރާއީލުގައި ތާށިވެފައިވާ ބޭރު ގައުމުތަކުގެ މީހުން ގައުމަށް ގެންދިއުމަށް ގިނަ ގައުމުތަކަކުން ވަނީ ހާއްސަ ފްލައިޓުތައް އަޅަން ފަށައިފައެވެ. ނަމަވެސް އެމެރިކާއިން ދިން ކުއްލި ހަމަލާގެ ސަބަބުން އެ ފްލައިޓުތައް ވެސް ކެންސަލް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު