ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައިކޮމިޝަނާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއަދު އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހިމްއެވެ.
މި ހަރަކާތުގެ މަގުސަދަކީ ލޭ ހަދިޔާކުރުމުގެ މުހިންމު ކަމާ މެދު އާންމުން ހޭލުންތެރިކުރުވުމާއި ވޮލަންޓަރީ ޑޯނަރުންގެ އަދަދު އިތުރުކުރުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
"މި މަސައްކަތުގެ ސަބަބުން ފުރާނަ ސަލާމަތްކުރުމަށާއި ސިއްހީ ނިޒާމަށް އެއްބާރުލުން ދިނުމުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ،" އެ ހޮޕިްޓަލުން ބުންޏެވެ.
ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތުގައި އިންޑިއާގެ ހައިކޮމިޝަނަރު ޝްރީ ޖީ ބަލަސުބްރަމާނިއަމްގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒަފުންނާއި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތުސަން ސްރީދަރް ޖީގެ އިތުރުން އެ ހޮސްޕިޓަލުގެ އެކި އޮފިޝަލުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލިގައި ލޭ ހަދިޔާކުރުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 8:30 އިން 12:00 އަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެކްޓިވް ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރު ކުރުމަށް އެފަދަ އިނީޝިއޭޓިވްތަކަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ކްރިޓިކަލް ހާލުގައި ޖެހިފައިވާ ބަލި މީހުންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބި، އެކަށީގެންވާ މިންވަރަށް ލޭގެ ސަޕްލައި ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ހޮސްޕިޓަލްތަކާއި ބްލަޑް ބޭންކުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހުގެ އިންޑިއަން ހައިކޮމިޝަނާ އެކު ޕާޓްނާޝިޕް ކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ޓްރީ ޓޮޕްގެ ސީއީއޯ ޑރ. ސްރީވަތުސަން ވިދާޅުވިއެވެ.
މިއީ މިއަހަރުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި އިންޑިއާ ހައިކޮމިޝަނުން ބައިވެރިވި ދެވަނަ ފަހަރެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ