ސްރީ ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

ޓޫރިޒަމް އެންޑް އެންވާރަމެންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ ޝިޕްމަންޓުގައި ގެނައި ގަސްތައް ބަހަން ނިންމާފައިވަނީ ރިސޯޓުތަކަށާއި އެއާޕޯޓުތަކަށެވެ. އަދި އެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

"ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމާކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސް މުހައްމަދު މުއިއްޒު ވެފައިވާ ވައުދުގެ ދަށުން އިންދާ ގަސްތަކެކެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 565000 ގަސް އިންދައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި، ގަސް އިންދުމުގެ އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.