ޕަވަންދީޕް ރާޖަން އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ހަބަރުތައް ބުނެފިއެވެ. އިންޑިއަލް އައިޑޮލް 12ގެ ޗެމަޕިއަން، ޕަވަން ދީޕް ޒަޚަމްވީ ކާރު އެކްސިޑެންޓެއްގައެވެ.

އެ ހާދިސާއާ ގުޅިގެން އޭނާގެ ޓީމުން ބުނެފައިވާ ގޮތުގައި، ޕަވަންދީޕްގެ ދެ ފައިގެ ކަށިތަކެއް ބިނދި، ބޮލަށްވެސް ވަނީ އަނިޔާވެފައެވެ. ހަ ގަޑިއިރުގެ އޮޕަރޭޝަނެއް ކުރާން ޖެހުނެވެ. ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އިތުރު އޮޕަރޭޝަނެއް ކުރާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޕަވަންދީޕްގެ ޓީމުން ބުނެފައިވަނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ފޭނުންނާއި އާއިލާގެ ދުއާތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

އެކްސިޑެންޓް ހިނގީ ޕަވަންދީޕްމެން ދުއްވި ކާރު ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި ޖެހުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި ޕަވަންދީޕްގެ އިތުރުން ޑްރައިވަރު ރާހުލް ސިންގް އަދި އޭނާގެ ރަހްމަތްތެރިއެއް ކަމަށްވާ އަޖޭ މެހްރާއަށްވެސް އަނިޔާވެފައި ވެއެވެ.