މ. ރަތްމަންދޫ ރައްޔިތުން ބޭނުންވަނީ އެެހެން ރަށަކަށް ބަދަލުވާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަތްމަންދޫގެ މީހުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވެގެން އެދިފައިވާ ކަމަށާއި ނަމަވެސް ސާވޭއެއް ކުރުމުން އެވަރު ތާއީދެއް ނުފެންނަ ކަމަށެވެ.

"ރަތްމަންދޫގެ ރައްޔިތުން ބަދަލުވާން ބޭނުންވެގެން އަޅުގަނޑުމެން ސާވޭއެއްވެސް ކޮށްފިން. ޕެޓިޝަންގައި އޮތްވަރުގެ ތާއީދެއް ސާވޭއަކުން ނުފެނޭ. އެހެން ނަމަވެސް ރަށުގެ މެޖޯރިޓީ ތާއީދުކުރަނީ އެހެން ރަށަކަށް ބަދަލުވާން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިރިމަރަދޫއާއެކު ރަތްމަންދޫގެ ރައްޔިތުންވެސް އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި ވ. ރަކީދޫ ކައުންސިލުންވެސް އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދޭން އެދިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެއްފަސްކުރުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށެވެ.

"އެއްފަސްކުރުމުގެ ސިޔާސަތަކީ ގޯއްޗެއް ދީފައި އެ ގޯތީގައި ތިިން ކޮޓަރީގެ ގެއެއް އަޅާފައި ފުލީ ކޮމްޕްލީޓްކޮށްފައި ތަޅުދަނޑި މިދެނީ އެ ގެއަށް ބަދަލުވާން ފައިސާވެސް ދީފައި އެއީ އެ މޮޑަލަކީ." ރައީސް ވިދާޅުވިއެވެ.