މެލްބަންގައި ބޭއްވި ނެހާ ކައްކަރުގެ ކޮންސެޓާ ގުޅޭ އާ ތަފްސީލުތަކެއް އޮސްޓްރޭލިއާގެ އިވެންޓް އޯގަނައިޒަރުން ކަމަށްވާ ޕޭސް ޑީ އަދި ބިކްރަމް ސިންގް ރަންދާވާ ހާމަކޮށްފިއެވެ. ސިދާތް ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި ނެހާ ކޮންސެޓަށް 3 ގަޑިއިރު ލަސްވި އެވެ. އަދި 700 ފޭނުންނަށް ޝޯ ދޭން އިންކާރުކުރިއެވެ.

އޯގަނައިޒަރުން ބުނެފައިވަނީ ނެހާ ކޮންސެޓަށް 2.5 ގަޑިއިރު ލަސްވެފައިވާ ކަމަށެވެ. ކޮންސެޓް ފެށުމަށް ހަމަޖެހިފައި އޮތީ ރޭގަނޑު 7:30 ގައި ކަމަށާއި، ނަމަވެސް ނެހާ ހާޒިރުވީ ރޭގަނޑު 10:00 ގައި ކަމަށްވެސް އެމީހުން ބުނެއެވެ. މިހާ ލަސްވުމުން ކްރައުޑް ރުޅިއައިސް، ހަޅޭއްލަވަން ފެށި ކަމަށްވެސް ބުނެފައިވެއެވެ.

"އެންމެ 700 މީހުން؟ އިތުރު މީހުން އައިސް މި ތަން ފުރާލިޔަސް އަހަރެން ޝޯއެއް ނުދޭނަން" ނޭހާ ބުނިކަމަށް އިންތިޒާމުކުރި ފަރާތުން ބުނެފައިވެއެވެ. އޮސްޓްރޭލިއާގައި މީހުން ވަގުތަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދޭ ކަމަށާއި، ބައެއް މީހުން 300 އޮސްޓްރޭލިއަން ޑޮލަރު (15,000 އިން 16,000 ރުފިޔާ) އަށް ޓިކެޓް ގަނެގެން އާއިލާއާއެކު ގޮސް ތިބި ކަމަށްވެސް ބުނެފައިވެއެވެ.

މި ޝޯއާ ގުޅިގެން ކުރިން ނޭހާ ކޮށްފައިވާ ބައެއް ތުހުމަތުތަކަށް ރައްދު ދެމުން، އޯގަނައިޒަރުން ބުނެފައިވަނީ ނޭހާއަށް ހުރިހާ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހޮޓާ، ކެއުން އަދި ފެން ހިމެނެއެވެ. ނޭހާ ފައިސާ ނަގައިގެން ފިލި ކަމަށް ކުރި ތުހުމަތަކީވެސް ދޮގު ވާހަކައެއް ކަމަށް ބުނެފައިވެއެވެ. އާޓިސްޓުންނަށް ފައިސާ ދައްކަނީ އެމީހުން އައުމުގެ ކުރިން ކަމަށްވެސް އޯގަނައިޒަރުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ނޭހާ ވަނީ އިންސްޓަގްރާމްގައި ބަޔާނެއް ނެރެފައެވެ. އޭނާ ބުނެފައިވަނީ އޯގަނައިޒަރުން އޭނާގެ ފައިސާ ނަގައިގެން ފިލައިފި ކަމަށާއި، ބޭންޑަށް ކާއެއްޗެހި އަދި ހޮޓާވެސް ނުދޭ ކަމަށްވެސް ބުނެފައިވެއެވެ. ސައުންޑް ޗެކް ލަސްވީ ސައުންޑް ވެންޑަރަށް ފައިސާ ނުދީ އޮތުމުން ކަމަށްވެސް ބުނެފައިވެއެވެ. ނޭހާ އިތުރަށް ބުނެފައިވަނީ ފޭނުންނަށް ހިލޭ ޝޯ ކޮށްދިން ކަމަށެވެ.