މަތީ ތައުލީމަށް ދޫކުރާ ލޯނުތައް އިސްލާމީ ހަމަތަކަށް ފެއްތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނުތަކުގެ އިދާރީ ފީ ކަނޑާލައިފިއެވެ.

އެކްސްގައި ރައީސް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ކަންކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށެވެ.

އެގޮތުން ލޯނު ޝަރީއާ ކޮމްޕްލަޔަންޓް ކުރުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު، ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ އެއް ޕަސަންޓު އިދާރީ ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށް ރައީސް ވަނީ އަންގަވައިފައެވެ. އަދި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖު ނުކުރުމަށް ވެސް ވަނީ އަންގަވައިފައެވެ.

އޭގެ އިތުރުން ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އިދާރީ ފީ އުނިކޮށް، އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރަން ރައީސް ވަނީ ދަންނަވައިފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނިންމެވި ނިންމެވުން މިވަގުތުން ފެށިގެން ތަންފީޒުކުރުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށާއި އެކަމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިވަގުތުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

"މި ނިންމެވުމުން ދައްކައިދެނީ ސައްތައިންސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ފައިސާއާ ގުޅޭ ކަންތައްތައް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ މިންވަރެވެ. މި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާ މި ނިންމެވި މުހިންމު އަދި ބޭނުންތެރި ނިންމެވުމަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވަމެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ރައީސްގެ އެ ނިންމެވުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަށް އެ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

  • ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްއޮތް ތަނުގައި ދޫކުރާ އެންމެހާ ސްޓޫޑަންޓް ލޯނުތައް އަނބުރާ ދައްކާ އިރު، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް އަދަދެއްގެ ފައިސާއެއް ނުނެގުން.
  • ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތައް އަނބުރާ ދައްކާ އިރު، އިދާރީ ފީ ނުނެގުން. އަދި މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތަކުން އިދާރީ ފީގެ އެއް ޕަސަންޓު އުނިކޮށް، އެ ލޯނުތަކަށް އަނބުރާ ދައްކަން ޖެހޭ އަދަދު އެޖަސްޓްކުރެވޭނެ.