މި އަހަރުގެ ރޯދަ މަހެކޭ އެއްގޮތަށް، ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް އެއްކޮށް ސްކޫލުތައް ބަންދުކުރުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އަށް ދަންނަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" މިނަމުގައި މިއަދު ފެއްޓެވި ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެކަން ކުރެއްވުމަށް ވިސްނަވަނީ، ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭ ގޮތަށް ކަމަށެވެ.
"ކުރިން ހަމަޖައްސަވާފައި އޮތީ، މި ރަމަލާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަލާން މަސް ބަންދުކުރާ ގޮތަށް، މިއަހަރު އެކަޑެމިކް ކަލެންޑަރު ހަމަޖެއްސުމަށް، ނަމަވެސް އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަލާން މަސް ބަންދުކުރެވޭ ގޮތަށް މިފަހަރު ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިން އެދޭ، ރަނގަޅު ހިޔާލު ތަކެއް ލިބިވަޑައިގެންނެވި،" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަޯދަ މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭ ކަމެއް ކަމުގައި އެމަނިކުފާނަށް ފާހަގަވާތީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރޯދަ މަސް ސްކޫލްތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފައެވެ. މިގޮތުން މިކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން ވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރޯދަ މަހަށްފަހު އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު