ތެލަސީމިޔާ ކުދިންނަށް ދޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި، ހުޅުމާލެ އޮރެންޖް ހިޔާ، ތެލެސީމިޔާ ސެންޓަރު ނިންމުމުގެ މަސައްކަތް ސިފައިންނާ ހަވާލު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށްޓަކައި "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެއްޓެވި ޕޮޓްކާސްޓުގައި ތެލަސީމިޔާ ހިދުމަތްތައް ރަނގަޅު ކުރެއްވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ތެލެސީމިއާ ސެންޓަރުން ގިނަ ހިދުމަތްތަކެއް ނުލިބޭތީ އެ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވައި މިމަހު 23 ވަނަ ދުވަހު ކުރި މުޒާހަރާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ތެލަސީމިއާގެ ހިދުމަތް ރަނގަޅު ކުރަން ހަވާލު ކުރެއްވި ކަމަށާއި އެހާތަނަށް އެކަން ހައްލުނުވެ އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް އެތަނުގެ ހިދުމަތުގައި ހުރި ކަންބޮޑުވުންތައް، ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ހިއްސާކުރި ހިސާބުން އެކަންތައް ވެފަ އޮތް ގޮތް ބެއްލެވި ކަމަށްވެސް ވިދާޅުވިއެވެ.
"އެކަންބޮޑުވުންތަކާ ގުޅިގެން އެތަން ބަލާލަން ދިޔައިން ކިހިނެއްތޯ، ކަންތައްވެފަ އޮތީ، ވަރަށްގިނަ ކަންކަން ހުރި ރަނގަޅު ކުރަންވެފައި،"
ރައީސް ވިދާޅުވީ އޭގެ ތެރެއިން ގިނަ ކަންތައްތަކެއް މިހާރު ހައްލު ކުރައްވާފައިވާ ކަމަށެވެ.
"ތަނުގެ ހިންގުން ރަނގަޅުކުރުމަށް 2017 އިން ފެށިގެން ނުހުރޭ ސިވިލްސާވިސް ލެވެލްއިން ޑީޖޭއަކު،"
ނަމަވެސް ކުދިންނާ ގާތުން މަސައްކަތް ކުރާނެ ޑިރެކްޓާ ޖެނެރަލްއެއް ސިވިލް ސާވިސްގެ ތެރެއިން ހަމަޖައްސަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ރަޖިސްޓާޑް ފަސް ނަރުހުންނަށް ބޭނުންވާ ބަޖެޓް ހަމަޖައްސަވައި ނަރުހުން ހޯއްދެވުމަށް އިއުލާން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ތެލަސީމިއާ ހިދުމަތް ދިނުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ހަމަކުރުމަށްވެސް ބަޖެޓް ހަމަޖައްސަވައިދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހުޅުމާލެ އޮރެންޖް ފްލެޓުން ބައެއް ތެލަސީމިއާ ހިދުމަތްތަކަށް ހާއްސަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަނުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ އެގްރިމެންޓްގެ މުއްދަތު ހަމަވެފައިވާތީ، މުއްދަތު އާކުރުމުގެ މަދަލުގައި އެ މަސައްކަތްތައް ސިފައިންނާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މިމަހު 28 ގައި އެ މަސައްކަތް ފެށޭނެ ކަމަށާއި ގައުމީ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންގޮސް މަސް ދުވަހުގެ ތެރޭގައި ސިފައިން އެތަނުގެ މަސައްކަތް ނިންމައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު