އާމްދަނީ ރަނގަޅުވެ، 7.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރު ޖެނުއަރީ އަދި ފެބްރުއަރީގައި ދައުލަތުގެ އާމްދަނީ ދަށްވުމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފަ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 13 ވަނަ ދުވަހު ލިބުނު 7.5 ބިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަޅައި ބަލާއިރު 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވި ގޮތަށް ބަލާއިރު ޓެކްސް އާމްދަނީން ލިބުނުވަރު 118 މިލިއަން އިތުރުވި އިރު، ޓެކްސް ނޫން އާމްދަނީން ލިބުނު މިންވަރު ވަނީ 282 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އަދި މިދިޔަ އަހަރާ އަޅައި ބަލާއިރު ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރުވެސް ވަނީ 15.2 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 44 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހަރަދުތައް ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 1.3 ބިލިއަން ރުފިޔާގެ ދަށްވުމެއް އައިސްފަ އެވެ. އެގޮތުން ރިކަރަންޓް ހަރަދުތައް ވަނީ 6.3 ބިލިއަން ރުފިޔާ އިން 6.1 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި ކެޕިޓަލް ހަރަދުތައް ވަނީ 1.6 ބިލިއަން ރުފިޔާއިން 429 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށް ދީފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައިވަނީ 9.4 ބިލިއަން ރުފިޔާ އެވެ.