އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރަމުންދާ އިރު، މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އެ ކުންފުނިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް އެބަ ކުރިއަށްގެންދެއެވެ.

އެލައިޑުން ބުނީ އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އިފްތާރު ޕެކް ބަހާފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތުގެ އިތުރުން ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތުގައި ކަމަށެވެ.

ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައިވެސް އެ ހަރަކާތް ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން، ހުކުރު ދުވަހު ހުޅުމާލޭގައި އެ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުސްމާން ބިން އައްފާން މިސްކިތުގައި ކަމަށެވެ. އަދި ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައި ވެސް އެ ހަރަކާތް ހޮނިހިރު ދުވަހު ކުރިއަށްދާނެ ކަމަށް އެލައިޑުން މައުލޫމާތުދެއެވެ.

މިއަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރު ކަމަށްވުމާއެކު، އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް އެ ކުންފުނިން ވަނީ ރާވައިފައެވެ. މިއީ އެލައިޑުގެ ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ވެދީފައިވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.