ތެލަސީމިއާ ސެންޓަރުގެ ހާލަތު ބަދަލުކުރައްވާނެކަން އަދި އެކަން ގާތުން ބައްލަވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ތެލަސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، ލޭ އަޅާ މީހުންނާއި ކުދިންގެ ބެލެނިވެރިން ވަނީ އެ ސެންޓަރު ދޮށުގައި ރޭ އިހުތިޖާޖުކޮށް އެ ސެންޓަރުގެ ވެރީންގެ އިސްތިއުފާއަށް ގޮވައިފައެވެ.

އެކަމާ ގުޅިގެން ތެލަސީމިއާ ސެންޓަރަށް މިއަދު ހެނދުނު ވަޑައިގެން އެ ސެންޓަރުގެ އިސްވެރިންނާއި އެ ވަގުތު ތިބި ޕޭޝަންޓުންނާ ބައްދަލުކުރެއްވުމަށް ފަހު އާންމު ކުރެއްވި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ، ތެލަސީމިއާ ސެންޓަރަށް ދިމާވެފައިވާ ދަތިތަކަށް އިމިޑިއެޓް ހައްލެއް ހޯދުމަށް އިރުޝާދު ދެއްވައި އަންގަވާފައިވާނެ ކަމަށެވެ.

އެގޮތުން، އެ ސެންޓަރު ހިންގަނީ ޑިރެކްޓަރު ޖެނެރަލްއެއް ނެތިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންވެސް ހައްލުކުރަން އަންގަވާފައިވާނެ ކަމަށެވެ. އަދި ހޮސްޕިޓަލެއް ގޮތަށް އެ ސެންޓަރުގެ މަސައްކަތްތައް ކުރިއަށްގެންދަން އިރުޝާދު ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"މަސައްކަތް ކުރާ ގަޑި، ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ގޮތަށް އައިޖީއެމްއެޗުގައި މިސާލަކަށް މަސައްކަތް ކުރާ ގޮތަށް ދުވަސްތަކާއި ގަޑިތައް އިތުރުކުރުމަށް ބޭނުންވާ ހިއުމަން ރިސޯސް އިތުރުކުރުމަށް މި ހުރިހާ ކަމެއް މަޝްވަރާކޮށް، މަގުފަހިކޮށްދީ ކުރިއަށްގެންދާނެ ގޮތް ކަނޑައަޅައި ވާނީ ދަންނަވާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތެލަސީމިއާ ސެންޓަރަށް އިތުރު ނަރުހުންނާއި ލެބޯޓަރީއަށް އިތުރު އާލާތްތައް ހޯދައި ސީނިއާ ފިޒީޝަނެއް ހޯދުމަށްވެސް އިރުޝާދު ދެއްވައި އެކަމުގެ ޓައިމްލައިނެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ތެލަސީމިއާ ކުދިންނަށް ދިމާވާ ކަންކަން ހައްލުކުރުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފައިސާ ހަމަނުޖެހިގެން ކަމެއް ހައްލުނުވެ އޮވެގެން ނުވާނެކަން އެ މަނިކުފާނު ޔަގީންކުރައްވާނެ ކަމަށާއި ހުޅުމާލޭގައި ތެލަސީމިއާ ސެންޓަރު ހެދުމުން ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

  • މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތްދޭ ގަޑިތައް ހޮސްޕިޓަލެކޭ އެއް ހަމައަށް އިތުރުކުރުން
  • އެމްބީއެސްއަށް ޑިރެކްޓާ ޖެނެރަލެއް ހަމަޖެއްސުން
  • ހިދުމަތް ރަނގަޅުކުރުމަށް އިންޓާނަލް މެނޭޖްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަތައް ހަލުކުރުމަށް އަވަސް ފިޔަވަޅު އެޅުން
  • ޕޭޝަންޓުންނަށް ހިދުމަތްދިނުމަށް ޑޮކްޓަރުން ހަމަޖެއްސުން
  • އެމްބީއެސްގެ ބިލްޑިން ބާވެ ހަލާކުވެފައިވާތީ އާ އިމާރާތަކަށް ހިދުމަތް ބަދަލުކުރުމުގެ މަސައްކަތްތައް