މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާގެ ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެމްއައިބީން ބުނީ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅި އަދަދަކީ ހިއްސާއަކަށް 4.58 ރުފިޔާ ކަމަށާއި އެއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު 58 ޕަސަންޓުގެ އިތުރުވުމެއް ކަމަށެވެ. އަދި ހިއްސާގެ ފައިދާ ބެހުމަށް ހުށަހަޅާ ގޮތަކީ، ހިއްސާގެ ފައިދާގެ 50 ޕަސަންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމާއެކު ހިއްސާގެ ފައިދާގެ 50 ޕަސަންޓު ބޯނަސް ހިއްސާ ދިނުމަށް ކަމަށް އެމްއައިބީން ބުންޏެވެ.

ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރުމަށް ހުށަހަޅާފައިވަނީ 35 ރުފިޔާގެ ރޭޓުންނެވެ. އެގޮތުން، އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގެ "ރިކޯޑު ތާރީހާ" ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާއާއި ބޯނަސް ހިއްސާ ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މިއަހަރު ބާއްވާ އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. އެ ޖަލްސާގެ ނޯޓިސްއާއި އިތުރު މައުލޫމާތު އޭޕްރީލް މަހުގެ ތެރޭގައި ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއައިބީން ބުނީ މިދިޔަ އަހަރަކީ އެމްއައިބީއަށް ކާމިޔާބު އަހަރެއް ކަމަށާއި އެގޮތުން އެ ބޭންކުން ވަނީ އާ ސާވިސް ސެންޓަރުތަކާއި، ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް ފުރިހަމަކޮށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކޮށްފައި ކަމަށެވެ. މިދިޔަ އަހަރު އެމްއައިބީއަށް ބައިނަލްއަގުވާމީ ތިން އެވޯޑެއް ވަނީ ލިބިފައެވެ.

އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކު ކަމާއި، އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކުކަން އެމްއައިބީން ފާހަގަކުރެއެވެ.