ކުރިއަށްއޮތް ފިތުރު އީދާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދުއަށް ކުރުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން އިއްޔެ ބުނީ ފުޅަދުއަށް ދަތުރުތައް ފެށުމާއެކު، އެ ރަށުގެ އިތުރުން އެއްފަޅެއްގައި ތެރޭގައި އޮންނަ ގޮއިދޫ އަދި ފެހެންދުއަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ފުޅަދުއަށް ކުރާ 25 މިނެޓުގެ އެ ދަތުރުން ފަސިންޖަރުންނަށް ހިތްގައިމު މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.
ފުޅަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އީދު ބަންދާ ދިމާކޮށް، މިމަހުގެ 31 ވަނަ ދުވަހުއެވެ. ތަރުހީބު ލިބޭ ވަރަކުން ދަތުރުތައް އިތުރުކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން ފުޅަދުއަށް ކުރާ ސީޕްލޭން ދަތުރުތަކަށް ޓިކެޓު ބުކްކުރުމަށް އިއްޔެ އިން ފެށިގެން ހުޅުވާލާފައިވާ އިރު، ދިވެހީންނަށް އެއްކޮޅު ޓިކެޓުގެ އަގަކީ 1099 ރުފިޔާއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ޓިކެޓު ނެގުމަށް މޯލްޑިވިއަންގެ ވެބްސައިޓު https://maldivian.aero އަށް ޒިޔާރަތްކުރުމަށް މޯލްޑިވިއަނުން އެދެއެވެ. އޭގެ އިތުރުން ސީޕްލޭން ކޯލް ސެންޓަރަށް (ހަވީރު 5:30 ގެ ކުރިން) ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އިން މައުލޫމާތު ހޯދޭނެއެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް