އދ. ދިގުރަށުން ފަތުރުވެރިންތަކެއް ބޭލުވި މައްސަލަ ބަލާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދިގުރަށު ގޮނޑުދޮށުގައި ތިބި ފަތުރުވެރިންތަކެއް އެ ސަރަހައްދު ދޫކޮށް ދިއުމަށް، ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން އަންގަވާ މަންޒަރެއްގެ ވީޑިއޯއެއް ވެސް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެ މައްސަލައިގައި މިނިސްޓަރު އާދަމް ޝަރީފް، އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި ކަން ހިނގައިދިޔަ ގޮތް ބަލާނެ ކަމަށެވެ.
"މިކަން ދެނެގަތުމަށްޓަކައި އަޅުގަނޑުމެން މައްސަލަ ބަލާނަން. ރަށުގެ މުޖުތަމައުގެ މިންގަނޑަށް އިހުތިރާމު ކުރާ ނަމަ، އަޅުގަނޑުމެން އަބަދުވެސް ފަތުރުވެރިންނަށް މަރުހަބާ ކިޔަންވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރަށްރަށުގައި ފަތުރުވެރިން ގެންގުޅެންޖެހޭ މިންގަނޑުތަކަށް އަމަލުކުރޭތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރައްވާނެ ކަމަށެވެ.
ފަތުރުވެރިންތަކެއް ދިގުރަށުން ބޭލުވި މައްސަލައިގައި ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުކޮށްފައެވެ. އެކަމުގެ ސަބަބުން ލޯކަލް ޓުއަރިޒަމަށް އަސަރުތަކެއް ކުރާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ހެދިފައި ހުންނަ ގަވާއިދުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށްބުނެ، ދިގުރަށު ކައުންސިލަށް ތައުރީފު ވެސް ކޮށްފައެވެ.
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ