އދ. އަރިޔަދޫ، ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި ހަމަޖައްސައި އެތަނުގައި ރުއް އިންދައި އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ސަރުކާރުން އެގޮތަށް ނިންމީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެ ރަށުގައި ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރު" އެއް ގާއިމުކޮށް ރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރާއި ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ވެސް ހޭޅިފަށުގައި ހެދޭ ގަސްގަހާގެހި އާލާ ކުރުމަށާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެރަށުގައި އުފެއްދުމަށް ވަނީ ނިންމާފައި ކަމަށެވެ.
ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް، އެރަށުގައި ފަށައި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
އެ ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން އެ މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށްވެސް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު