އިންސާނީ ހައްގުތަކާއި ހެޔޮވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި ސާބިތުވެ ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް އެހެން ވިދާޅުވީ، ކޮމަންވެލްތް ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި ކަމަށެވެ.
ރައީސްގެ މެސެޖުގައި ކޮމަންވެލްތަށް އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫން ކަމަށާއި އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރު "ޓުގެދާ ވީ ތްރައިވް" އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިއާރެއް ކަމަށްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މެސެޖުގައި އެ މަނިކުފާނު ވަނީ ކޮމަންވެލްތުގެ ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތަކުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ހައްގުތަކާއި ހެޔޮ ވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަގީންކަން އެ މަނިކުފާނުގެ މެސެޖުގައި ދެއްވާފައިވޭ" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ހަމަނުޖެހުމާއި ނާއިންސާފުގެ ހިޔަނި ދުނިޔެއަށް އެޅިފައިވާކަން ފާހަގަކުރައްވައި، މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ރައީސްގެ މެސެޖުގައި ގޮވާލައްވާފައިވާ ކަމަށެވެ. އަދި ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ގައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު