ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސްތަކުން މާލެ ސަރަހައްދުން މިހާތަނަށް 48،000 ގޭބިސީއަށް މަސްދަޅު ކޭސް ބަހައިފިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި މިރޭ ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުގެ 48،000 ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދީފައިވާ ކަމަށާއި މިރެ އާއި މާދަމާ ރޭ ވެސް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށްދާނެ ކަމަށެވެ.

"ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ ހަތަރު ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި ދޫކުރުން ކުރިޔަށްދާނެ," ޝަރީފު ވިދާލުވިއެވެ.

ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ބަދަލުވި ނަމަވެސް މަސްދަޅު ކޭސް ދޫކުރުން ކުރިޔަށްދާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. އެ ދުވަހު މަސްދަޅު ކޭސް ބަލައި ދިޔަ މީހުންގެ ކިޔު ދިގުވެ، އެކަމަށް ހައްލު ގެނައުމަށް ވަނީ ޓޯކަން ނަމްބަރެއް ދޫކުރަން ފަށައިފައެވެ.