ގިނަ އަދަދެއްގެ ކޮތަރު ބަލިވެ، މަރުވާ ސަބަބު ދެނެގަނެވިފައިވާ ކަމަށާއި ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންސާނުންނަށް ނުރައްކަލެއް އޮތް ބައްޔެއް ނޫން ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ވަނީ މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށައިފައެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮތަރުތަކުން ނެގި ސާމްޕަލްތައް އެ މިނިސްޓްރީން މިހާރު ތަހުލީލުކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުން، ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންފެކްޝަންސް ކޮރައިޒާ ކަމަށް ދެނެގަނެވިފައިވާ ކަމަށާއި އެ ބައްޔަކީ އާންމުކޮށް ދޫނި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވެސް ބުންޏެވެ.

"މި ބައްޔަކީ އިންސާނުންނަށް، އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫނެވެ. އެހެންނަމަވެސް، ރައްކާތެރިގޮތަކީ މަރުވެފައިވާ ކޮތަރު ނުވަތަ ބަލިވެފައިވާ ކޮތަރުތަކާ ކުޑަކުދިން ކައިރިނުކުރުމާއި ބޮޑެތި މީހުންވެސް އެ ތަކެތީގައި އަތްލައި ހިފައި އުޅޭއިރު، ރައްކާތެރިކަމުގެ ވަސީލަތެއް ބޭނުން ކުރުމުގައި ދަންނަވަމެވެ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑޭއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައްވެސް ޖެހިފައިވާ ކަމަށާއި އެފަދަ ސެކަންޑްރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވާ ކަމަށެވެ. އަދި އެ ބަލިޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސައި ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއިން ބުއިމަށް ދަތިވާ ކަމަށްވެސް ބުންޏެވެ.