ފަލަސްތީނުގެ ގާޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް އިޒްރޭލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ އެ ނިންމުމަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިޒްރޭލުން ހިންގާ އެފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރު ކުރުވުމަށާއި ގާޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ފަލަސްތީނު މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނީ 1976 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމް ކުރެވިގެން ކަމުގައި ރާއްޖެއިން ދެކޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު