އަމިއްލަ ކުންފުންޏަކުން ހަނދަށް ފޮނުވި ދެވަނަ އުޅަނދު ހަނދުގައި ޖައްސައިފިއެވެ.

އެމެރިކާގެ ފަޔާ ފްލައި އެއިރޯސްޕޭސްގެ އުޅަނދު ބްލޫ ގޯސްޓް ހަނދުގައި ސަތަހައިގައި ޖައްސާފައިވަނީ އާދިއްތަ ދުވަހުގައެވެ. ފަޔާ ފްލައި އެއިރޯސްޕޭސްގެ އުޅަނދު ބްލޫ ގޯސްޓްގެ މިޝަންގައި ހަނދުގެ އެކި ސަރަހައްދު ބަލައި ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ސްޕޭސް އެޖެންސީ، ނާސާ އާއި ޕްރައިވެޓް ކުންފުނިތަކުން ގުޅިގެން ކުރިޔަށް ގެންދާ މި މިޝަންގައި ފޮނުވި އުޅަނދު ހަނދުގައި ޖެއްސުމުގެ ކުރިން ހަނދު ވަށައި ދެ ހަފުތާ ވާންދެން ބުރު އަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނދަށް އުޅަނދެއް ފޮނުވި ފުރަތަމަ ޕްރައިވެޓް ކުންފުންޏަކީ އިންޝިއުޓިވް މެޝިންސް އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު އެ ކުންފުނިން ހަނދަށް ފޮނުވި އޮޑީސަސް ނަމަކަށް ކިޔާ އުޅަނދު ވަނީ ހަނދުގައި ޖެއްސުމާއެކު އެ އުޅަނދުގެ އެއްފައި ބިނދި ބޭނުން ނުކުރެވޭ ވަރުވެ މިޝަން ފެއިލި ވެފައެވެ.

އިންޝިއުޓިވް އިން ވަނީ ދެވަނަ އުޅަނދު ހަނދަށް ފޮނުވައިފައެވެ. އަދި އެ އުޅަނދު ހަނދުގެ ސަތަހައިގައި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ޖައްސާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.