ބިޑަކާ ނުލައި ނުވަތަ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދޭނެ ގޮތަށް ސަރުކާރުން މާލިއްޔަތު ގަވައިދަށް މިއަދު އިސްލާހެއް ގެނެސްފިއެވެ.

އެ އިސްލާހުގައިވާ ގޮތުން، ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ތަކެއްޗާއި ހިދުމަތް ހޯދޭނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކަށެވެ.

އަދި ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން އެ ތަކެއްޗާއި ހިދުމަތް ހޯދަން ހުއްދަ ދެވޭނީ، އެކަމަކާ ގުޅޭ ދައުލަތުގެ އޮފީހަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި، އެ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތަކަށް ކަމަށްވެސް ބުނެފައިވެއެވެ.

މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

އަލަށް ގެނައި އިސްލާހުގައިވާ "ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް"ގެ ވަކި މަޝްރޫއުތަކެއް ހިންގާ ފަރާތްތަކަށް ހާއްސަ އިސްތިސްނާތަކެއްވެސް ދޭން ހިމަނާފައިވެއެވެ.

އެގޮތުން ދައުލަތުގެ އޮފީހަކުން މިނިސްޓްރީ އަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލުކުރުމަށް ނިންމައިފި ނަމަ، އެ މަޝްރޫއަށް ބިޑު ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ވަނީ މިނިސްޓަރަށް ދީފައެވެ.

އަދި އެ މާއްދާގެ ދަށުން އިސްތިސްނާ ދެވޭ މަޝްރޫއުތައް ބަލަހައްޓާ ކަމާ ބެހޭ މިނިސްޓްރީއަކުން އެ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓު އެކުލަވާލައި، މިނިސްޓްރީން އަންގާ ގޮތުގެ މަތީން މިނިސްޓްރީ އަށް ފޮނުވަމުން ގެންދަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.