ދ. ބަނޑިދޫގެ ބިން ހިއްކައިދީ، އެ ރަށުގެ ބަނދަރުގެ ބޭރު ތޮށީގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ބަނޑިދުއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، ބަނޑިދޫގެ ތަރައްގީއަށް ގިނަ ކަންކަތައްތަކެއް ބޭނުންވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި އޭގެ ތެރެއިން ބައެއް މަސައްކަތްތައް ފަށައި އެހެން މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ބަނޑިދޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިނާއީ މަސައްކަތްތަކަށް އެ ރަށުން ބިން ނެތުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ކައުންސިލުން ހަދާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެ ރަށުގެ ފަޅުން ހިއްކެން އޮތީ ކިހާ ސަރަހައްދެއްތޯ ބަލައި އެ ރަށުގެ ފަޅުން ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދާނީ ރަށްގިރުމުގެ މައްސަލަ ވެސް ހައްލުވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.

"ބިން ހިއްކުމުގެ މަޝްރޫއެއް މި އަހަރު ނުހިއްކޭ ނަމަ އެންމެ ލަސްވެގެން އަންނަ އަހަރު އެކަން ކުރިއަށް ގެންގޮސް ނިންމައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ބަނޑިދޫގައި އައިސްޕްލާންޓު ގާއިމްކުރުމުގެ މަސައްކަތް މިއަދު ފެށިގެންގޮސްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބަނޑިދޫގެ ސްކޫލަށާއި ހެލްތު ސެންޓަރަކަށް ބޭނުންވާ ޖާގަ އާއި ވަސީލަތް އިތުރުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބަނޑިދޫގައި ހުއްޓިފައި ހުރި ހުރިހާ މަޝްރޫއެއް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.