ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ "ފަސް މިލިއަން ގަސް" ޕްރޮގްރާމްގެ ދަށުން މި އަހަރު ދެ މިލިއަން ގަސް އިންދުމަކީ އަމާޒެއް ކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "އަހާ ފޯރަމް" ގައި މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ފަސް ލައްކައެއްހާ ގަސް އިންދާފައިވާ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ދެ މިލިއަން ގަސް އިންދުން ކަމަށް ވިދާޅުވިއެވެ.
"މިއަހަރުވެސް މިބަލަނީ އެއް މިލިއަނަށްވުރެ ގިނަ ގަސް އިނދުމަށް. ޓާގެޓަކީ ދެ މިލިއަން ގަސް އިންދުން މިއަހަރުގެ ތެރޭގައި. ފަސް އަހަރުވާ އިރު ފަސް މިލިއަން ގަސް އިންދިގެންދާނެ އިރާދަކުރެއްވިއްޔާ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމަށް ހާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ އެޕްލިކޭޝަނުން ގަސް އިންދިތަނާއި އެ އިންދި ފަރާތެއްގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން "ފަސް މިލިއަން ގަސް" ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު