ރަސްފަންނާއި ސަލްޓަން ޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އިތުރަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނަވައިގެން ތަރައްގީކޮށް ހުޅުވި ދެތަނެވެ. އެގޮތުން ރަސްފަންނު ހުޅުވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނާއި ސަލްޓަން ޕާކަކީ ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަނަށްވާއިރު، އެ ދެތަން ވީރާނަވަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.
"މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށްވުރެވެސް ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ސަލްޓަން ޕާކުގެ ރީތިކަން އަނބުރާ ގެނެސްދޭން ސަރުކާރުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އިރު، މާލެ ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ސަލްޓަން ޕާކު ތަރައްގީކޮށް ހުޅުވި ފަހުން އެއްވެސް މަރާމާތެއް އެތަނުގައި ކޮށްފައެއް ނެތެވެ.
އެހެންވެ ޕާކުގައި ހުރި އިމާރާތްތަކާއި އެހެނިހެން ތަންތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވާން ފަށާފައިވާތީވެ އެ ތަނުގެ އެސެސްމެންޓެއް ކައުންސިލުން ހަދާފައިވާ ކަމަށް ބުންޏެވެ. އަދި ޕާކު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު