"ވޯލްޑް ގަވަމަންޓްސް ސަމިޓް 2025" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ވަޑައިގެންފިއެވެ.

ޔޫއޭއީން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ހިއުމަން ރިސޯސެސް މިނިސްޓަރު ޑރ. އަބުދުލްރަހުމާން އަބްދުލްމަންނާން އަލް އައްވާރުއެވެ.

‎ޔޫއޭއީގައި މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ މިއަހަރުގެ ވޯލްޑް ގަވަމަންޓްސް ސަމިޓްގެ ޝިއާރަކީ "ޝޭޕިން ފިއުޗާ ގަވަމަންޓްސް" އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި މި ސަމިޓްގެ މަގުސަދަކީ ސަރަހައްދުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުން ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ‎މި ސަމިޓްގެ މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމްގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި ސަމިޓްގެ ބައެއް ބައިވެރިންނާ އެކު ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.