ލ. އިސްދޫ ފެނުގެ މަޝްރޫއު ނިންމައި 245 ގެޔަށް ފެނުގެ ހިދުމަތް ދީފިއެވެ.

ކޮންސްޓަކްޝަން މިނިސްޓްރީން މިއަދު ބުނީ އިސްދޫ ފެނުގެ މަޝްރޫއޫގެ މަސައްކަތްތައް ނިންމުމަށްފަހު އޮޕަރޭޓަރާ ހަވާލުކޮށް، ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

"މި މަޝްރޫއުގެ ދަށުން މުޅިއެކު 245 ގެދޮރުގައި ވަނީ ފެނުގެ ހިދުމަތް ގާއިމުކުރެވިފައި،" އެ މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތުގެ ދަށުން ދެ އާރްއޯ ޕްލާންޓު، 60 ޓަނުގެ ވާރޭ ފެން ޕްލާންޓު، 400 ޓަނުގެ ވާރޭފެން ރައްކާކުރާ އެއް ޓޭންކު، 415 ތަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކު އަދި 25 ކިލޯވޯޓުގެ ސޯލާޕެނަލް ގާއިމްކޮށްފައިވާ ކަމަށްވެސް ކޮންސްޓަކްޝަން މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާ އެކުގައި 2023 ވަނަ އަހަރުއެވެ. އިސްދޫ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެސްއެމްސީ އިންފްރާސްޓްރަކްޗާސް ޕްރައިވެޓް ލިމިޓެޑުންނެވެ.