ގްރީސްގެ ސެންޓޯރިނީގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

ގްރީސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު މި ކުރީ، އެ ގައުމުގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސެންޓޯރިނީ އަށް 300 އަށްވުރެ ކުދި ބިންހެލުން ރިކޯޑުކުރެވިފައިވާއިރު މިފަހުން އެންމެ ބާރުގަދަ ބިންހެލުން ކަމަށް ރެކޯޑުކުރެވިފައިވާ 5.2 ގެ ބާރުގަދަ ބިންހެލުމާވެސް އެކުގައެވެ.

މިދިޔަ ބުދަ ދުވަހު ހަވީރު އައި ބާރުގަދަ އެ ބިންހެލުމާއެކު އެ ގައުމުގެ ސިވިލް ޕްރޮޓެކްޝަން މިނިސްޓްރީން މި އިމަޖެންސީ އިއުލާނުކުރީ އިއްޔެއެވެ. އަދި މި އިމަޖެންސީ އަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމަޔަށް ދެމިއޮންނާނެއެވެ.

ސެންޓޯރިނީގައި އަށް ކުދި ގިނަ ބިންހެލުންތައް އަންނާން ފަށައި އެރަށުގެ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި 11،000 އަށްވުރެ ގިނަ މީހުން އެރަށުން ބޭރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. މި ރަށުގެ އާބާދީއަކީ 15،000 އެވެ.

ގްރީސްގެ ސަރުކާރުން ވަނީ ސެންޓޯރިނީގައި ދިރިއުޅޭ އާންމުންގެ ތެރެއިން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައެވެ.