ފެހުރިހި ބެލުމަށްޓަކައި "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ހިމެނޭ ސަރަހައްދަށް ވަނުމުގެ ކުރިން އުޅަނދުތައް ރަޖިސްޓްރީކުރުމާ އެކު އެ ސަރަހައްދަށް އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މަޖުބޫރުކޮށްފިއެވެ.

ސަންޕާ ސަރަހައްދަކީ އަރިއަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަންޕާ ސަރަހައްދުގެ ފަރުތަކާއި އޮއިވަރު ހުންނަގޮތުން އެ ސަރަހައްދަށް ގިނައިން ޕްލޭންކްޓަން ޖަމާވާ ކަމަށާއި އެކަމުގެ ސަބަބުން

އެ ސަރަހައްދަށް އައިޔޫސީއެން ރެޑް ލިސްޓް އޮފް ސްޕީޝީސްގައި ދުނިޔޭއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި (Rhincodon typus)، އޭގެ ކާނާ ހޯދުމަށާއި އޭގެ ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމަށް (ތާމޯރެގިއުލޭޝަން) އަށް ތިލަވާ ކަމަށެވެ.

އީޕީއޭއިން ބުނީ، ވަކި މޫސުމެއްނެތި ފެހުރިހި އެ ސަރަހައްދަށް އެއްވެ އުޅުމުގެ ސަބަބުން ފެހުރިހި ބަލައިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދަކަށް މީހުން އެ ސަރަހައްދަށް ޖަމާވާ ކަމަށެވެ. އެގޮތުން ދުވާލަކު އެތައް ބަޔަކު އެ ސަރަހައްދަށް ސްނޯކުލް ކުރުމާއި ޑައިވް ކުރުމަށް ހަރަކާތްތެރިވުމުގެ ތެރޭގައި ފަހުގެ ތާރީހެއްގައި ގިނަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެގޮތުން މި ފަހުންވެސް ވަނީ ޓޫރިސްޓެއްގެ ގައިމަތިން ލޯންޗެއް ދިއުމުގެ ސަބަބުން އެ މީހާ މަރުވެފައެވެ.

އީޕީއޭއިން ބުނީ، އެ ސަރަހައްދުގައި އުޅޭ ފެހުރިހީގެ އާބާދީގެ ގާތްގަނޑަކަށް 70 ޕަސަންޓު ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ، ސަންޕާ ސަރަހައްދުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި، އެ ސަރަހައްދުގެ މާހައުލަށް ނޭދެވޭ ބަދަލެއް އަތުވެދާނެ ކަންކަމާއި އެ ސަރަހައްދުގެ ދިރުންތަކަށް ގޯނާވާނެ ފަދަ އެންމެހާ ކަންކަން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ސަމްޕާ ސަރަހައްދުގެ މެނޭޖުމަންޓުން ވަނީ އެ ސަރަހައްދު ބަލަހައްޓާނެ ގޮތާއި މި ސަރަހައްދު ބޭނުންކުރާ ފަރާތްތައް އަމަލު ކުރަންޖެހޭ ކަންކަން އެކުލަވާލައިފައެވެ.

  • ހަރަކާތްތެރިވާ އުޅަނދުތައް މޮނިޓާކުރުން
  • ތިން މަސްދު ވަހުގެ މުއްދަތުގައި އެ ސަރަހައްދުގައި ސްނޯކަލް އަދި ޑައިވް ކުރާ އުޅަނދުތައް އީޕީއޭގައި ރަޖިސްޓްރީކުރުން
  • ތިން މަސް ދުވަހުގެ ތެރޭގައި ސްޕީޑް ބޯޑުތަކުގައި ޕްރޮޕެލާ ގާޑު ހަރުކުރުން
  • އެހެން އުޅަނދުތައް 12 މަސް ދުވަހުގެ ތެރޭގައި ޕްރޮޕެލާ ގާޑު ހަރުކުރުން
  • ސަމްޕާ ސަރަހައްދުގައި ދުއްވޭނީ ގަޑިއަކު ދިހަ ނޮޓަށް
  • ފެހުރިހިފަދަ ދިރުންތައް ވަށައިގެން، 250 މީޓަރު / ކޮންޓެކްޓް ޒޯން، ގަޑިއަކު ފަސް ނޮޓް
  • ފެހުރިހި ފަދަ ބޮޑެތި ދިރުންތައް ވަށައިގެން 50 މީޓަރު، ގަޑިއަކު ދެ ނޮޓް
  • ފެހުރިހި 15 މީޓަރަށް ވުރެ ކައިރިވުމުން އުޅަނދުގެ ގިޔަރު ނިއުޓްރަލްއަަށް ލުން

އީޕީއޭއިން އިތުރަށް ބުނީ ސަންޕާ ސަރަހައްދުގައި ފަތުރުވެރިން ގޮވައިގެން ޑައިވް ކުރެވޭނީ އެ އެޖެންސީން ދޫކުރާ ސަމްޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.