އަމާޒަކީ މެދުފަންތީގެ ހުރިހާ މަޝްރޫއެއް ދެ އަހަރުގެ ތެރޭގައި ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހއ. މާރަންދުއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތް ސަރުކާރުން މިހާރު ހޯދާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި އަހަރަކީ އެގޮތުން ގިނަ މަޝްރޫއުތައް ފަށާނެ އަހަރެއް ކަމަށެވެ.

"ދެ އަހަރު ތެރޭގައި މެދުފަންތީގެ ހުރިހާ މަޝްރޫއުތައް ނިންމުން އެއީ އަމާޒަކީ. ބޮޑެތި މަޝްރޫއު ތިން އަހަރަށް ވެސް ދެމިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ މުހިންމު އެއް މަޝްރޫއުކަމުގައިވާ ރަށްރަށުގައި ހައުސިން ޔުނިޓު ހަދައިދޭނެ ބަޔަކު ހޯދަން މިހާރު އިއުލާނުކޮށްފައިވާ ކަމަށާއި އެ މަޝްރޫގެ ދަށުން ގިނަ ރަށްރަށަށް ހައުސިން ޔުނިޓް ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ ބޮޑެތި އަދަދުތަކުން އެއް ފަރާތަކަށް ކުރީ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައި އޮތުމުން ކަމަށެވެ. އެގޮތުން މާރަންދޫގެ ކުނީގެ މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުން ހަވާލުކުރި ދިވެހި ކުންފުންޏަށް އިތުރު 20 ރަށެއްގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ކަމަށާއި އެ ކުންފުންޏަށް އެޑްވާންސް ފައިސާވެސް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާރަންދުއަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ބަނދަރާއި ރަށްގިރުމުގެ މައްސަލަ އާއި ފުޓްސަލް ދަނޑާއި ހެލްތު ސެންޓަރު އަޕްގްރޭޑިންގެ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފުޓްބޯޅަ ދަނޑުގައި ލައިޓެއް ހަރުކުރުމުގެ މަސައްކަތްތައް ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަނީ ސީރިއަސް މަސައްކަތްތަކެއް ކުރައްވަން ކަމަށާއި އެ ދަތުރުގައި ކަމާ ގުޅޭ މިނިސްޓަރުން ބައިވެރިކުރަނީ މަސައްކަތްތައް އަވަސްކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ ބޭކާރު ހަރަދު ކަމަށް ބައެއް ފަރާތްތަކުން ސިފަކުރާތީ ރައީސް ވިދާޅުވީ، ހަރަދު ބޭކާރު ވާނީ މަޝްރޫއުތައް ލަސްވުމުން އެ ލިބޭ ގެއްލުން ބޮޑުވުމުން ކަމަށެވެ.