ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އިބްރާހިމް ފައިސަލް، ވަކި ކުރެއްވުމަކީ ވަރަށް ދެރަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަމެއް ކަމަށް ފައިސަލްގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް މަގާމުން ވަކި ކުރެއްވުމާ ގުޅިގެން "ދައުރު" ނޫހަށް، އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، އޭނަ ވަކިކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އެގޮތަށް ބަދަލުވާންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގެއޭ ދަންނަވާނީ، އަޅުގަނޑުގެ ފަރާތުން ހަމަ ގައިމުވެސް ނޯންނާނެ ސަރުކާރަށް ދެރަވާނެ ކަމެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާނެ ކަމެއްވެސް، މިކަހަލަ އެއްވެސްކަމެއް ހިނގާފައެއް ނޯންނާނެ،"

އަބްދުއްރަހީމް ވިދާޅުވީ، ފައިސަލް ވެސް އަދި އަބްދުއްރަހީމް ވެސް ކުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ދާއިރާއިން މިދިޔަ އަހަރަށް ކަނޑައެޅި ލަނޑުދަނޑި ފައިސަލް ހާސިލް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މިއީ ފައިސަލްގެ ވެސް ހިއްސާ އޮވެގެން ގެނައި ވެރިކަމެއް ކަމަށާއި ސަރުކާރާ ދެކޮޅަށް އޭނާ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުންނަވަނިކޮށް ވަކި ކުރެއްވުމުން، ދެން ސަރުކާރާއެކު އޭނާ ނުހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެންނަވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުން، މިހާރު ރައީސް މުއިއްޒާ ދެމެދު އޮންނަ ގުޅުމާބެހޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ރައީސާ ދޭތެރޭ ގުޅުން ރަނގަޅުނަމަ އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ.

"އަޅުގަނޑާއި ރައީސާދޭތެރޭ ގުޅުން ރަނގަޅު ނަމަ މިކަން ހިނގާނެ ކަމަށް ގަބޫލެއް ނުކުރަން، އަޅުގަނޑަކަށް އެއްވެސް ސަބަބެއް ނޭނގެ. އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑުމެން ދެ މީހުންގެ ދޭތެރޭގައި މި ވެރިކަން ފެށުނުއިރު އޮތް ގާތްގުޅުމާއި އެ އިތުބާރާއި އެ ޔަގީންކަން އޮތްނަމަ މިގޮތަކަށެއް މިކަން ނުހިނގާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަޒީރުން އައްޔަނު ކުރުމާއި ވަކިކުރުމަކީ ގާނޫނުން އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށާއި ފައިސަލް ވަކި ކުރެއްވީ، އެގޮތުގެމަތިން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ، އޭނާ މިނިސްޓަރުކަމުން ވަކިކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.