ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ ފުޑް އެންޑް ބެވްރޭޖް ޝޯ (އެފްއެންޑްބީޝޯ)ގެ އަށްވަނަ އެޑިޝަން އިއްޔެ ފަށައިފިއެވެ.
އެފް އެންޑް ބީ ޝޯ ރަސްމީކޮށް ހުޅުއްވައި ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އެމަނިކުފާނު ވަނީ މި ޝޯ ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ބައެއް ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ކާބޯތަކެތީގެ ބާވަތްތަކުގެ މައުލޫމާތު ހޯއްދަވައިފައެވެ.
މި އަހަރު އެ ހަރަކާތުގައި 40 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެފްއެންބީ ކުންފުނިތަކާއި ރެސްޓޯރަންޓުތަކާއި ކުދިވިޔަފާރިތަކުގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އަދި ތައިލެންޑުގެ ވިޔަފާރިތައް ހިމެނެއެވެ.
ހައިރައިޒްއިން މިއަދު ބުނީ ރޯދަމަހަށް ހާއްސަކޮށް ތައްޔާރުކުރާ ކާބޯތަކެއްޗަށް އަމާޒުކޮށް ކުރިއަށްގެންދާ މި ޝޯގެ މަގުސަދަކީ ކާބޯތަކެތީގެ މައުލޫމާތު އެއްތަނަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ލިބުން ކަމަށެވެ. އެގޮތުން ޕްރޮޑަކްޓް ގަތުމުގެ ކުރިން އެ ޕްރޮޑަކްޓަކާ ގުޅޭ އަގުހުރި މައުލޫމާތު މި ޝޯގެ ތެރެއިން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ހައިރައިޒް އިން ބުންޏެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބާއްވާ އެ ޝޯ ކުރިއަށްދަނީ ހުޅުމާލޭ ސެންޓުރަލް ޕާކުގައެވެ. މި ޝޯ އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް 16:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު