ބޯޓް ބިލްޑިން ނުވަތަ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ މަސައްކަތަށް ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަށް މައިގަނޑު ގޮތެއްގައި އޮތް ދަތިކަމަކީ ފައިސާ ހޯދައިގެން އެ އިންޑަސްޓްރީގައި މަޝްރޫއުތައް ހިންގައިގެން ކުރިއަށްދިއުމުގައި އޮތް ދަތިކަން ކަމަށެވެ.

"އެހެންވީމާ މިރޭ ކުރެވުނު މަޝްވަރާގެ އަލީގައި އަދި މި ދެންނެވި ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެއް ކަމަކަށް މި ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއިގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭންކިން ނިޒާމުގެ ތެރެއިން ހަމަޖައްސައިދޭނެކަން އަޅުގަނޑު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލުއިގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް ހަމަޖައްސައިދިނުމުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް އެ ދާއިރާ ފުޅާކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް ވަރަށް މުހިންމު ކަންތައްތަކެއް ކުރަން ސަރުކާރުގެ ސިޔާސަތުގައި ކަނޑައަޅާފައި އޮންނާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުގައި ކަނޑައަޅާފައި އޮންނާނެ މި ދާއިރާއަކީ ސަރުކާރުގެ މަޝްރޫއުތަކުގައި އެންމެ އިސްކަންދޭނީ ދިވެހިންނަށް ކަމަށް، އެއީ ކެމްޕޭނުގައި އަޅުގަނޑު ވީ ވައުދެއް. ދިވެހިންނަށް އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ އެއް ދާއިރާ. އަދި ވަކިން އިސްކަން ދޭ ގޮތަށް ވަކި ހާއްސަކަމެއްގެ ގޮތުގައި މި ދާއިރާ އަޅުގަނޑުމެން ކަނޑައެޅިން، ކެބިނެޓުގައި ސިޔާސަތެއްގެ ގޮތުގައި ނިންމާފައި ވެސް އޮންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްތަކަށް ދޫކުރާ ބިންތައް 20 އަހަރުގެ މުއްދަތަކަށް ކުއްޔަށް ނެގޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި އަދި އެ ދާއިރާ ކުރިއަރުވައި، ދިވެހި ޒުވާނުން ތަމްރީނުކުރުމަށް އިންނަމާދޫގައި އެކަމަށް ހާއްސަ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.