ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ޒަމާނީކޮށް، އެ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށް ފެންވަރު ރަނގަޅު، ބްރޭންޑެޑް މެޝިނަރީޒް އާއި އިކުއިޕްމަންޓް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ރ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އަނގޮޅިތީމަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، ސިއްހީ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ބޭސް ބަލްކްކޮށް ގެނެސް ލިބޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި އެއާއެކު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މިހާރު ހުރި އިކުއިޕްމަންޓްތައް ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑްތަކުގެ ތަކެއްޗަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

"ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގައި ހުންނަ ވަސީލަތްތައް، އިކުއިޕްމަންޓްތަކަކީވެސް ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑްތަކުގެ ވަސީލަތްތަކަށް ހެދުމަށްވެސް އަޅުގަނޑު ވާނީ ނިންމާފައި. އެއީވެސް ހަމަ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެކީގައި ގިނަ އަދަދެއްގެ ރަށްރަށަށް ވާ ގޮތަށް ގަނެގެން، ހަރުކޮށް އޭގެ ރީ އެޖެންޓްސް، ހިންގުމަށް ބޭނުންވާ ވަސީލަތްތައް، ހިންގުމަށް ބޭނުންވާނެ ތަކެއްޗަކީވެސް ފަސޭހައިން ލިބޭނެ ތަކެތި އެކަހަލަ ބްރޭންޑްތައް ގެނައީމަ. އެގޮތަށް އެކަން ކުރަން އޮންނާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒުތަކުގައި މިހާރު ހުރި އިކުއިޕްމަންޓަކުގެ ސްޕެއާ ހޯދަން އުނދަގޫ ކަމަށާއި އެކަމުގެ ސަބަބުން ހިންގުމުގެ ހަރަދު ބޮޑުވާ ކަމަށެވެ.

އާ އިކުއިޕްމަންޓްތަކާއެކު، އެއް ފަހަރާ ބޮޑު ހަރަދެއް ދިޔަ ނަމަވެސް އެކަމުގެ ސަބަބުން ހިންގުމުގެ ހަރަދު ކުރިއަށް އޮތް ދުވަސްތަކުގައި ކުޑަވެ، އޭގެ ފައިދާ ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.