މިދިޔަ އަހަރު ފެމެލީ ކޯޓު މެދުވެރިކޮށް އެކި މައްސަލަތަކުގައި 97 މިލިއަން ރުފިޔާ ނަގައިދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމެލީ ކޯޓުން އާންމުކޮށްފައިވާ އެ ކޯޓުގެ މިދިޔަ އަހަރުގެ ބައެއް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޯޓު މެދުވެރިކޮށް ސާބިތު ކޮށްދެވުނު ހަރަދުގެ ގޮތުގައި 97.1 މިލިއަން ރުފިޔާ ނަގައިދީފައިވެއެވެ. އެއީ އަނބިދަރިންގެ ހަރަދާއި އިއްދައިގެ ހަރަދާއި ވިހެއުމުގެ ހަރަދުގެ އިތުރުން ކައިވެނީގެ ރަނާ ބެހޭ މައްސަލަތަކުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޯޓުން ބަލަމުންދާ އެކިއެކި ގަޒިއްޔާތަކާ ގުޅިގެން، 46.7 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކޯޓަށް ވަނީ ލިބިފައެވެ. އަދި 2023 ވަނަ އަހަރު ރައްދު ނުކުރެވި ހުރި ފައިސާ ހިމެނޭހެން 47.5 މިލިއަން ރުފިޔާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ރައްދުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޯޓުން 2،485 ކައިވެނި ކޮށްދީފައިވެއެވެ. އޭގެ ތެރޭގައި 163 ބިދޭސީންގެ ކައިވެނި ވެސް ހިމެނެއެވެ. އެ އަހަރު 1،326 ވަރިވެސް އެ ކޯޓުން ވަނީ ސާބިތުކޮށްދީފައެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު އެ ކޯޓުން ވަނީ ރައްކާތެރިކަމުގެ 117 އަމުރު ނެރެފައެވެ. އަދި ދެމަފިރިން މައްސަލަތައް ހައްލުކުރުމަށާއި ވަރިވެފައިވާ ދެ މީހުންގެ ދަރިންބެލުމާ ގުޅޭގޮތުން ހަ އެއްބަސްވުމެއް ވަނީ ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު