ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން މަޑިއަށް ކާންދޭ ޝަކުވާ ބޮޑުވުމުން، އެކަން ނުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

އީޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުން އަންނަކަން ހިތާމައާއެކު ފާހަގަކުރާ ކަމަށާއި ރާއްޖޭގައި އުޅޭ އެންމެހާ މަޑީގެ ބާވަތްތަކަކީ ގަވާއިދެއްގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށެވެ. އަދި އެ ގަވާދުގައި ރައްކާތެރިކުރެވިފައިވާ ދިރުންތަކަށް ގެއްލުން ލިބިދޭ އެންމެހާ ކަންކަން މަނާކުރެވިފައިވާކަން އެ އެޖެންސީން ފާހަގަކުރިއެވެ.

"މިގޮތުން މަޑީގެ ބާވަތްތަކަށް ކާންދިނުމާއި، ކާން އެޅުމަކީ އެތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ. މަޑީގެ ބާވަތްތައް ބަލައިލުމަށްޓަކައި އެތަކެއްޗާއެކު މޫދުގައި ފީނުމަކީ ދިވެހީންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަޖުރިބާއެއް ކަމުގައިވީ ނަމަވެސް އެ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ، އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާތެރިވާ ފަދަ ހިތާމަވެރި ހާދިސާތައް މެދުވެރިވެއެވެ..،" އީޕީއޭގެ ބަޔާނުގައި ބުންޏެވެ.

އީޕީއޭ އިން ބުނީ އެފަދަ ހާދިސާތައް ހިނގާ މައިގަނޑު އެއް ސަބަބަކީ އެފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުން ކަމަށާއި އެފަދަ ހާދިސާތައް ރާއްޖޭގައި ގިނަވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަސަރުކުރާނެ ކަމެއް ކަމަށް ފާހަގަކުރާ ކަމަށެވެ.

"މިގޮތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން މަޑިއާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެޖެންސީއަށް މިކަމުގެ ޝަކުވާ ހުށަހަޅައެވެ..،" އެ އެޖެންސީން ބުންޏެވެ.

އީޕީއޭ އިން އިތުރަށް ބުނީ އެފަދަ ހަރަކާތްތަކަކީ ރާއްޖޭގައި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގޭ، އިންސާނުންނަށް ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި ހަރަކާތްތަކަކަށް ހެދުމަށް ގޮވާލާ ކަމަށެވެ. އަދި އެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު "ގުދުރަތީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވާއިދު"ގެ ދަށުން ފިޔަވަޅު އެޅިގެންދާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.