ހދ. ކުރިނބީގައި އެތައް އަހަރެއްވީ ރުނބައެއްގެ ތެރެއިން ގިނަ އަދަދެއްގެ އާސާރީ ތަކެތި ފެނިއްޖެއެވެ.

ކުރިނބީ ކައުންސިލުގެ ރައީސް އަބްދުﷲ އަސްލަމް "ވަން"އަށް މިރޭ ވިދާޅުވީ އެ ރުނބާ ފެނިފައިވަނީ ރަށުގެ ދެކުނު ފަރާތު އަތިރިމަތިން، ކަޅު ފަހާއި ދޮންވެއްޔާ ދެމެދު ހިސާބުގައި ވަޅުލެވިފައި އޮއްވައި ކަމަށާއި ރުނބާ ފެނިފައިވަނީ އެ ދިމާލުން ހިނގާފައި ދިޔަ ބަޔަކަށް ކަމަށެވެ.

އެ ރުނބާގެ ތެރޭގައި ސައިކުރައާއި ތަށިތަކެއް ފެނިފައިވާ ކަމަށާއި އެއީ އެއް ސެޓެއްގެ ތަށިތަކެއް ކަމަށެވެ. އަދި ފެނިފައިވާ ތަށީގެ ސީދާ އަދަދެއް ނޭނގޭ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފެނިފައިވާ ތަށިތަކަށް ގާތްގަނޑަކަށް 380 އަހަރާއި 400 އަހާރާ ދެމެދު ވެދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި އެ އަންދާޒާކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތަށިތަކުގެ ކުރެހުންތަކަށް ބަލައި، ކުރިން ފެނިފައިވާ ތަކެއްޗާ އަޅައިކިޔުމަށްފަހު ކަމަށެވެ.

އެ ތަކެއްޗަށް އަމަލުކުރާނެގޮތާއި، ތަރިކައިގެ ލިސްޓަށް އެ ތަކެތި އެރުވުމާއި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކުރުމަށް ދެން ކަންކުރާނެ ގޮތް ކައުންސިލުން ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާ މަޝްވަރާކޮށްފައެވެ. އެ މަރުކަޒާ ގުޅިގެން ބައެއް ތަކެތި ތަހުލީލަށް ފޮނުވަން ކައުންސިލުން ވަނީ ނިންމައިފައެވެ.

އަސްލަމް ވިދާޅުވީ މިހާރު އެތަކެތި ހުރީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށާއި އެތަކެއްޗާ ގުޅުންހުރި މަސައްކަތްތަކެއް އަންނަ އާދީއްތަ ދުވަހު ނިމި، މިމަހުގެ ތެރޭގައި ތަހުލީލުތައް ހަދަން ފޮނުވާނެ ކަމަށެވެ. އަދި އެ ތަކެއްޗާ މެދު އަމަލުކުރާނީ ތަރިކައާ ބެހޭ ވުޒާރާ އިން އަންގާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.