ސޯޝިއަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކަކީ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔާލައި ރާވައިގެން، ކުރިޔަށް ގެންދިޔަ ކުޅިވަރު އަދި މުނިފޫހިފުލުވުމުގެ ހަރަކާތްތަކެއްގެ ފޮޓޯތަކެއް ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފިއެވެ.
ރާއޭސީއެލް އިން މިހެން ބުނިއިރު، އެ ކުންފުނިން ވަނީ މި މަހުގެ 12 ވަނަ ދުވަހު ބަޔާނެއް ނެރެފައެވެ. 11 ޖެނުއަރީ 2021 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަށް ހަތަރު އަހަރު ފުރުމުގެ މުނާސަބާގައި ނެރުނު އެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި، އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކި ކަހަލަ ހަރަކާތްތައް ވަނީ ހިންގައިފައެވެ.
ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ އަހުމަދު މުބީނާއި ސީނިއާ އެހެން ބައެއް ބޭފުޅުން އޮފީހުގައި ތާސް ކުޅުއްވާ ފޮޓޯތަކެއް ވަނީ ސޯޝިއަލް މީޑިއާގައި އާންމު ވެފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެއީ ރަސްމީ މަސައްކަތަށް އިހުމާލުވުންކަމުގައި ސިފަކޮށް، ފާޑު ކިޔައިފައެވެ.
"ވަން އޮންލައިން" އާ ވާހަކަ ދެއްކެވި އެ ކުންފުނީގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ، އަހަރީ ދުވަހާ ގުޅުވައިގެން، ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު އެކި ކަހަލަ ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާ ބޮޑު ހަރަދެއް ނުހިނގާ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.
"ތާސް އެކަންޏެއް ނޫން، އެނޫންވެސް ކުޅިވަރުގެ ތަފާތު ހަރަކާތްތައް މާލޭގައި އަޅުގަނޑުމެންގެ ހެޑް އޮފީހާއި އަތޮޅުތަކުގެ ރަށްރަށުގައި ކުރިޔަށް ގެންގޮސްފައިވާނެ. އެއީ ހަރަދުތަކެއް ހިނގާ ކަހަލަ ކަންކަމެއް ނޫން، އެކަމަކު ޓީމުގެ ގުޅުން ބަދަހިކުރުމުގެ ކަންކަން. އެއިން ކުންފުންޏަށް ފައިދާތަކެއް ކުރާނެ." "ވަން"އާ ވާހަކަ ދެއްކެވި އޮފިޝަލު ވިދާޅުވި އެވެ.
އަހަރީ ދުވަހާ ގުޅުވައިގެން، މުވައްޒަފުންގެ މެދުގައި ހިންގި ހަރަކާތްތަކުގެ ހަގީގަތް ނޭނގި ތިބެ، ބައެއް ފަރާތްތަކުން ފާޑުކިޔައިފައިވާތީ، ރީޖަނަލް އެއާޕޯޓްސްގެ ބައެއް މުވައްޒަފުންވެސް ވަނީ ސޯޝިއަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މުވައްޒަފުންނަކީ ކޮންމެ ކުންފުންޏެއްގެވެސް އެންމެ އަގުހުރި ރައުސްމާލުކަމަށްވާއިރު، އެ މީހުންގެ ކުރިއެރުމާއި މަސައްކަތުގެ އަގުވަޒަންކޮށް ހިންގޭ މި ފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި އެފަދަ ފާޑުކިޔުންތަކަށް ހިތްވަރުދިނުން ވެސް ބަލައިނުގަނެވޭ ކަމަށް އެ މުވައްޒަފުން ފާހަގަކޮށްފައިވެއެވެ.
ރީޖަނަލް އެއާޕޯޓްސް އަށް ހަތަރު އަހަރު ފުރުނުއިރު، އެ ކުންފުނިން 7 ޑޮމެސްޓިކް އެއާޕޯޓާއި އެއް އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓްކުރަމުން ގެންދެއެވެ. އެ ކުންފުނިން އޮޕަރޭޓްކުރަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓުތަކަކީ، ހޯރަފުށީ އެއާޕޯޓު، ކުޅުދުއްފުށީ އެއާޕޯޓު، ފުނަދޫ އެއާޕޯޓު، މާވަރުލު އެއާޕޯޓު، ފަރެސްމާތޮޑާ އެއާޕޯޓު، ފުވައްމުލަކު އެއާޕޯޓު އަދި ކައްދޫ އެއާޕޯޓެވެ. އިންޓަނޭޝަނަލް އެއާޕޯޓަކީ ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު