ދަނޑުވެރިން ހައްދާތަކެތި ވިއްކުމަށް ކުރީ ސަރުކާރުން އުފެއްދި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)، މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)ގެ ދަށަށް ބަދަލުކުރީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެގްރޯނެޓްގެ މަސައްކަތްތައް އެމްއައިޑީއެފްޒެޑްގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ރައީސް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ގއ. ނިލަންދުއަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، އެގްރޯނެޓް އުވާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
"އެގްރޯނެޓް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރީ. އެއީ އަޅުގަނޑުމެން ގެނައި ބަދަލަކީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަނޑުވެރިކަން ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އެމްއައިޑީއެފްޒެޑްގެ ދަށަށް އެގްރޯނެޓް ބަދަލުކުރުމުން އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި ރަށަކީ ދަނޑުވެރިކަން ކުރާ ރަށެއްްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދަނޑުވެރިން ހައްދާ ތަކެތި ރޯދަ މަހަށް ފަސޭހައިން މާކެޓް ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ދަނޑުވެރިން ހައްދާތަކެތި މާކެޓްކޮށް، އަދި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމުގެ ބޭނުމުގައި އެގްރޯ ނެޓް އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރުއެވެ. އެގްރޯ ނެޓްގައި 182 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެގޮތުން ދަނޑުވެރިކަން ކުރާ ބައެއް ރަށްރަށުގައި އެގްރޯ ނެޓްގެ މުވައްޒަފުން ހަރަކާތްތެރިވެއެވެ. އެ ކުންފުނީގެ މުއާމަލާތްތައް މިހާރު ވަނީ ހުއްޓައިލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު